2016-01-13 07:45:12

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަންފެށިތާ ހަތަރު އަހަރު ފުރުމާ ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް އަލްފާޟިލް އުމަރު ނަސީރު ދެއްވި ޚިތާބް

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަންފެށިތާ ހަތަރު އަހަރު ފުރުމާ ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް
އަލްފާޟިލް އުމަރު ނަސީރު ދެއްވި ޚިތާބް


ހަމްދު ކުރަނީ ﷲ ތަބާރަކަ ވަތަޢާލާ އަށް. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ މި އުއްމަތުގެ ރަސޫލާ މުޙައްމަދު ޞައްލަﷲއަލައި ވަސައްލަމް އަށް. މިޞަލަވާތާއި ސަލާމުގައި އެމާތް ނަބިއްޔާގެ އާލުއަޞްޙާބުން ޝާމިލްކުރަން.


ދިވެހިރާއްޖޭގެ އެންމެހާ ހީވާގި ކައުންސިލަރުން. ކައުންސިލްތަކުގެ ޒިންމާދާރުވެރިންނާއި ހިންގުންތެރި މުވައްޒަފުން. އަދި ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުން. މިއަދަކީ ދިވެހިރާއްޖޭގެ އިދާރީ ހިންގުން ލާމަރުކަޒީ އުސޫލުން ހިންގަންފެށިތާ ހަތަރު އަހަރު ފުރި ފަސް ވަނަ އަހަރަކަށް ކުރިމަތިލާ ދުވަސް. މިމުހިންމު އަދި އުފާވެރި މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ކައުންސިލަރުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން.


ކައުންސިލަރުންނަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ލާމަރުކަޒީ ޤާނޫނާއި އަދި އެނޫންވެސް ޤާނޫނުތަކުން މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ އިތުރުން، ރައްޔިތުން ހަވާލުކޮށްފައިވާ އަގުނުކުރެވޭނެހައި މަތިވެރި ވާޖިބުތަކާއި ހަވާލުވެ، ސިޓީ، އަތޮޅު، އަދި ރަށު ފެންވަރުގައި ތިއްބަވާނެ އެންމެ އިސްފަރާތްތައް. މިހެންވުމުން ރަށާއި އަތޮޅު އަދި ސިޓީތައް ހިންގުމަށް އިންތިޚާބުވި ކައުންސިލަރުންނަކީ ރައްޔިތުންގެ ކަންކަން އެންމެގާތުން ބަލާ، ރައްޔިތުންނަށް މިހިނދަށް ބޭނުންވާ ކަންކަމާއި ކުރިއަށް އޮތްތަނުގައި ބޭނުންވާނޭ ކަންކަން ދެނެގަނެ، އެކަންކަން ޙާޞިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅާ، ރޭވުންތައް ރާވާނެ ބަޔަކަށް ވާންވާނެ. އަދި ރައްޔިތުންގެ ކަންކަން ހާސިލްކުރުމަށް ބޭނުންވާ އިދާރީ މަސައްކަތް ބައްޓަންކުރަންވީގޮތުގެ އުސޫލުތައް ކަނޑައަޅާ، އެކަންކަން އެމަގުން ކުރޭތޯބަލައި، ބޭނުންވާ ވަޞީލަތްތައް ހޯދައި ރައްޔިތުންނާ ގުޅުންހުރި އެންމެހާކަންކަން އިސްވެ، ވިލަރެސްކޮށް ބިނާކުރުވަނިވި ކުރިއެރުން ހާސިލްކުރުމަށް މަގުދައްކައިދޭ ބަޔަކަށް ވެސް ކައުންސިލަރުން ވާންވާނެ. މީގެ އިތުރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ލިބިދީފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތައް ކައުންސިލްތަކުން ބޭނުން ކުރަންވާނީ މުޅިދާއިރާގެ
ލާބަ އާއި މަންފާއަށް. އަދި ކައުންސިލަށް ލާޒިމްކުރާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ކަމަށްވެސް މިފުރުސަތުގައި އަޅުގަނޑު ދަންނަވަން.
ހީވާގި ކައުންސިލަރުންނާއި ލޮބުވެތި ދިވެހިރައްޔިތުން، ދިވެހިދައުލަތަކީ ޔުނިޓަރީ ދައުލަތެއް. މިދައުލަތް ހިންގުމުގައި ރައްޔިތުންނާ އެންމެގާތުގައި
ޤާއިމްކޮށްފައިވާ ފަށަލަތަކަކީ ކައުންސިލްތައް. ކައުންސިލްތަކުން ދެމުންގެންދާ ރަށްވެހިކަމުގެ ޚިދުމަތްތަކަކީ ޤާނޫނު އަސާސީން ރައްޔިތުންނަށްދިނުމަށް
ރައީސުލްޖުމުހޫރިއްޔާއަށް ލާޒިމްކޮށްފައިވާ ޚިދުމަތްތަކުގެ ތެރެއިން ޤާނޫނަކުން ބާރުލިބި ކައުންސިލްތަކާއި މަތިކޮށްފައިވާ ޚިދުމަތްތަކެއް. މި ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޤައުމީ ފެންވަރުގައި ޕޮލިސީ ކަނޑައަޅާފަރާތަކީ ރައީސުލްޖުމުހޫރިއްޔާ ނުވަތަ ރައީސުލްޖުމުހޫރިއްޔާ އެކަމަށް ކަނޑައަޅުއްވާ ވަޒީރު. މި ވަގުތު އެ ޒިންމާއާ ހަވާލުވެ ހުރީ މިނިސްޓަރ އޮފް ހޯމް އެފެއާޒުގެ ހައިސިއްޔަތުން އަޅުގަނޑު. ކޮންމެޔަކަސް، އިސްވެ ދަންނަވައިލެވުނު ފަދައިން ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތަކަށްވާތީ، ކައުންސިލްތަކުން އެކުލަވާލާ އުސޫލުތަކާއި ޤަވާއިދުތައް ހުންނަންވާނީ މައިސަރުކާރުގެ އުސޫލުތަކާއި ސިޔާސަތުތަކާ ފުށުނާރާގޮތަށް ކަމަށްވެސް މިފުރުސަތުގައި އަޅުގަނޑު ދަންނަވަން.


ހީވާގި ކައުންސިލަރުންނާއި ލޮބުވެތި ރައްޔިތުން. 
ކައުންސިލްތައް އުފެދި މިހާތަނަށްއައިއިރު އަޅުގަނޑުމެން ބޮޑު ސަމާލުކަމެއްދީފައިވަނީ ކައުންސިލްތަކުގެ އިދާރީހިންގުން ރަނގަޅު ކުރުމާއި  ކައުންސިލަރުންނާއި މުވައްޒަފުންގެ ފަންނީ ގާބިލްކަން އިތުރުކުރުމަށާއި މުވާސަލާތުގެ ގުޅުން ރަނގަޅު ކުރުމަށް. މި ގޮތުން ކައުންސިލްތަކުންދޭ ޚިދުމަތްތަކުގެ މިންގަނޑުތައް ނުވަތަ އެސްއޯޕީތައްވާނީ ހެދިފައި. އެކިދާއިރާތަކުން ތަމްރީނު ޕްރޮގްރާމްތައް ވާނީ ހިންގިފައި. ރާއްޖޭންބޭރުން ތަމްރީނުގެ ފުރުސަތުތައްވާނީ ހޯދާދެވިފައި. ރާއްޖޭގެ ހުރިހާ ކައުންސިލްތަކެއް އިލެކްޓްރޯނިކް ވިއުގައަކުން ގުޅާލުމުގެ މަސައްކަތްފެށި މިއަހަރުގެ ފުރަތަމަ ކާލު ( )ގެ ތެރޭގައި ނިމޭނެ. އޭރުން ސަރުކާރުގެ އެންމެހާ މުވައްސަސާތަކާއި ކައުންސިލްތައް އެއްވިއުގައަކުން ވާނީ ގުޅައިލެވިފައި. މަދު ކައުންސިލްތަކެއް ފިޔަވާ، ގިނަ ކައުންސިލްތައް މިހާރުވަނީ މިވިއުގައިގެ ތެރޭގައި. އީކައުންސިލްވަނީ ތައާރަފްކުރެވިފައި. މިއަހަރުގެ ތެރޭގައި ކައުންސިލްތަކުގެ އިދާރީ މަސައްކަތްތައް އީކައުންސިލް މެދުވެރިކޮށް ދިނުމުގެ މަސައްކަތް ފެށޭނެ. ކައުންސިލްތަކުގެ ލިޔެކިއުންތައް އެއްވިއުގައެއްގައި ރައްކާކުރެވޭނެ. އޭގެއިތުރަށް އީލައިބްރަރީގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކައިރި މުސްތަގްބަލެއްގައި ފެށޭނެ. 2015 ވަނަ އަހަރު އަޅުގަނޑުމެންގެ މަސައްކަތް އަމާޒު ކުރާނީ ކައުންސިލްތަކުގެ ހިސާބުކިތާބު ބެލެހެއްޓުން ވަރުގަދަ ކުރުމަށާއި ތަޖުރިބާތައް ހިއްސާކުރުމުގެތެރޭން މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް. 


ހީވާގި ކައުންސިލަރުންނާއި އެންމެހާ ލޮބުވެތި ރައްޔިތުން،

ސަރުކާރުގެ އަމާޒަކީ އެންމެ ފުރިހަމައަށް ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ ރައްޔިތުން ބާރުވެރިކުރުވުން. ކައުންސިލްތަކާއި ގައުމީ މުއައްސަސާތަކާ ދެމެދު މުއާމަލާތްކުރުމުގައި ހުރިދަތިތައް ރަސްމީ ސިފައެއްގައި ދެނެގަނެ އެކަންކަމަށް އެކަށީގެންވާހައްލު ހޯދައިދިނުމަށް އަޅުގަނޑު މަސައްކަތް ކުރާނަން. މީގެއިތުރުން ސަރުކާރާއި ކައުންސިލްތަކުގެ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ގުޅިގެން ކުރިއަށްދާ ބަޔަކަށް އަޅުގަނޑުމެން
އެންމެންވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއްދޭނެކަމުގެ ޔަގީންކަން ވެސް މިފުރުސަތުގައި ތިޔަބޭފުޅުންނަށް އަރުވަން.


ހީވާގި ކައުންސިލަރުންނާއި ލޮބުވެތި ދިވެހިރައްޔިތުން، 
އަޅުގަނޑު އުންމީދު ކުރަނީ އަދި ޔަޤީންކުރަނީ، ހިނގަމުން މިދާ ކައުންސިލްތަކުގެ ދެވަނަދައުރަކީ ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާގޮތަށް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި އެއްގޮތްވާގޮތުގެ މަތީން، ޤާނޫނީ އިމުގެ ތެރޭގައި ގައުމީ ލޯތްބާއެކު މަސައްކަތް ކުރުމުގެ ރޫޙް ދައްކުވައިދޭ ކައުންސިލްތަކަކަށް ވާނެ ކަމަށް. އަދި ރަށާއި އަތޮޅު އަދި ސިޓީ ކައުންސިލްތައް ހިންގެވުމުގައި ކައުންސިލަރުން ވަރަށް ފުރިހަމަ ނަމޫނާއެއް
ދައްކަވާނެކަމަށް. ޚާއްސަކޮށް ލާމަރުކަޒީނިޒާމްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް، ކަމާގުޅޭ އިދާރާތަކަށް ދެއްވަންޖެހޭ އެންމެހާ އެއްބާރުލުން އެންމެ މަތީދަރަޖައަށް ދެއްވައި ޖަވާބުދާރީވަނިވި އުސޫލުގެމަތީން ކަންކަންހިންގަވާނެ ކަމަށް. ހަމަމިއާއެކު އިޖްތިމާއީ، ދުޅަހެޔޮކަމާއި އިގްތިސާދީ ފުދުންތެރިކަމާއި އިސްލާމީ ސަގާފީ ރިވެތި އާދަތަކާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ބަހާތައް ތަރައްޤީކުރުމަށް ބާރު އެޅުއްވުމަކީ އަޅުގަނޑުގެ އިލްތިމާސެއް. އެހެންކަމުން ރައްޔިތުން ބާރުވެރިކުރުވުމަށް ކުރަންޖެހޭ ކަންތައްތަކާއި ޚިދުމަތްތަކުގެ ފެންވަރާއި ދުވެލި، ހަލުވިކޮށް ރަށްރަށުގައި އަމާންވެށްޓެއް ގާއިމްކޮށް، ގައުމީރޫހާއެކު ނަތީޖާ ނެރެދެނިވި ބަޔަކަށް ކައުންސިލަރުންވުމަށް އަޅުގަނޑު ގޮވާލަން. އަދި އެ ގޮތުގައި ރައްޔިތުންނާއި ސަރުކާރާއެކު ޚިދުމަތުގެ ރޭހުގައި ދެމިއްބަވައިގެން ދިވެހި ޤައުމަށް ފާގަތި ދުވަސްތަކެއް ހޯއްދަވައި ދެއްވުމަކީ އަޅުގަނޑު އިޚްލާޞްތެރި ކަމާއެކު ތިޔަ ބޭފުޅުންގެ އަރިހުން އެދޭ އެދުމެއް. މި ކަމުގައި މާތް ﷲ އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވާށި! އާމީން!

ގުޅުން ހުރި ފައިލުތައް

ފަހުގެ