2017-01-09 09:37:41

ކައުންސިލް އިންތިހާބަށް ކުރިމަތިލެވޭ ފަހުދުވަހަކީ ފެބްރުއަރީ ހަޔެއް

އަންނަ އޭޕްރީލް މަހުގެ 8ގައި ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.


އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިންތިހާބަށް ކުރިމަތިލެވޭނީ މިއަދުން ފެށިން އަންނަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު 14:00 އަށް ކަމަށެވެ.


މި ގޮތަށް ހަމަޖެއްސީ އިންތިހާބުގައި ވާދަކުރަން މިހާތަނަށް ފޯމު ހުށަހަޅާފައިވާ ހުރިހާ ފޯމެއް ބާތިލްކުރުމަށްފަހު އެވެ. ނަމަވެސް ނަމަވެސް އިންތިހާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ބައިވެރިވުމަށް ހުށަހަޅާފައިވާ ފަރާތްތަކުންއަލުން ފޯމުތައް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. އަދި ރީރަޖިސްޓާކޮށްފައިވާ ފަރާތްތަކުން ވެސް އަލަށް ރަޖިސްޓާ ކުރާކަށް ނުޖެހޭނެ ކަމަށް ވެސް އިލެކްޝަނުން ބުނެ އެވެ.


ކައުންސިލް އިންތިހާބުގެ ވޯޓުލުން އަންނަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުގެ ހެނދުނު 8:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު ވޯޓު ފޮށި ބަންދުކުރާނީ އެ ދުވަހުގެ ހަވީރު 4:00 ގަ އެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާނީ އެ މަހުގެ 17 ވަނަ ދުވަހު އެވެ. 


މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ ފެބްރުއަރީ މަހު ހަމަވި ނަމަވެސް ސިވިލް ކޯޓުން ވަނީ އާ ކައުންސިލަރުން ހުވާކުރަންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބޭނެ ކަމަށް ހުކުމް ކޮށްފަ އެވެ.


ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 10 ވަނަ މާއްދާއާ އެއްގޮތަށް މި އިންތިޚާބުގެ ޓިކެޓް ހޯދުމަށްޓަކައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، މި އިންތިޚާބުގައި އެހެން ހައިސިއްޔަތަކުން ވާދައެއް ނުކުރެވޭނެއެވެ.