2017-04-18 12:56:55

ކައުންސިލްތަކުގެ 2016 ވަނަ އަހަރުގެ މަސައްކަތްތައް ވަޒަންކޮށް މިންކުރުމުގައި އަތޮޅު ކައުންސިލްގައި އިސްވެ ޙަރަކާތްތެރިވާ ފޯކަލް ޕޮއިންޓުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަށައިފި

2016 ވަނަ އަހަރު ކައުންސިލްތަކުގެ މަސައްކަތް ވަޒަންކޮށް މިންކުރުމުގެ މަސައްކަތުގައި އަތޮޅުތަކުގައި އިސްވެ ޙަރަކާތްތެރިވާ ފޯކަލް ޕޮއިންޓުން ތަމްރީނު ކުރުމުގެ މަސައްކަތް ލޯކަލް ގަވަރމަންޓް އޮތޯރިޓީން މިއަދު ފަށައިފިއެވެ.


22 ބައިވެރިންނާއެކު 2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިތަމްރީނު ޕްރޮގްރާމްގައި އިންޑެކްސްގެ އަސާސީ މަޢުލޫމާތާއި އިންޑެކްސް އެކުލަވާލަވާލާނެ ގޮތުގެ އަމަލީ ތަމްރީނު ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރަށް، ރާއްޖޭގައި ކައުންސިލްތައް މިންކުރުމަށް ބޭނުންކުރާ ލޯކަލް ކައުންސިލް ޕާރފޯރމަންސް އިންޑެކްސްގައި ހިމެނޭ ބައިތަކާއި ވަކި ވަކި ސަބްއިންޑެކްސް ހިސާބުކުރާނެ ގޮތުގެ އަމަލީ ތަމްރީނުވެސް ލިބިގެންދާނެއެވެ.


ލޯކަލް ކައުންސިލް ޕާރފޯރމަންސް އިންޑެކްސްއަކީ ހެޔޮ ވެރިކަމުގެ އަސާސީ ބަހާތަކާއި ލާމަރުކަޒީ ޒިންމާތަކުގެ މައްޗަށް ބިނާކޮށް ހެދިފައިވާ އިންޑެކްހެކެވެ. މި އިންޑެކްސްއަށް ބިނާކޮށް ކައުންސިލްތައް ފުރަތަމަ ފަހަރަށް މިންކޮށް ތަރުތީބު ކުރެވުނީ 2015 ވަނައަހަރުއެވެ.