ރ. ދުވާފަރު މަސްމާރުކޭޓުގެ މަސައްކަތް ހަވާލުކުރުން

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ 2017 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހިމަނައިގެން ކުރިޔަށްގެންދާ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މަސްމާރުކޭޓްގެ އައު ޢިމާރާތުގެ މަސައްކަތް ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމަށް ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 2017 ޖޫން 15 ވަނަ ދުވަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް މުޙައްމަދު ޝަފީޤް މަޙްމޫދެވެ. ސްވިފްޓް އިންޖިނިއަރިންގ ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޒުބައިރެވެ. 330 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ 2.69 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މި ޢިމާރާތް ނިމޭއިރު މަސްމާރުކޭޓެއްގެ އިތުރުން ކެފޭއަކާއި ފިހާރައެއް ހިންގުމަށް ޚާއްޞަކުރެވިފައިވާ ބައެއް ޢިމާރާތުގައި ހިމެނޭނެއެވެ.

ފަހުގެ ޚަބަރު