ރ. އަތޮޅު ކައުންސިލުން މިނިސްޓްރީތަކާ ބައްދަލު ކުރަން ނިންމައިފި

ރ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ ހުށަހެޅުންތަކާއެކު ސަރުކާރުގެ މިނިސްޓްރީތަކާ ބައްދަލުކުރަން ރ. އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

ރ. އަތޮޅަކީ 15 ރަށުގެ މައްޗަށް އެކުލެވޭ ބޮޑު އަތޮޅެކެވެ. އެ އަތޮޅު ކައުންސިލްގެ ރައީސް އަންވަރު އިބްރާހީމް މިއަދު ވިދާޅުވީ މިނިސްޓްރީތަކާ ބައްދަލުކުރަނީ ރަށު ކައުންސިލްތަކުގެ އެކްޓިވިޓީ ޕްލޭނުގައި ހުރި ކަންތައްތައް ތަންފީޒު ކުރުމަށް ހުރިދަތިތައް ވެސް ދެނެގަތުމަށްފަހު ކަމަށެވެ.

މި ގޮތުން މި މަހުގެ 15އިން 19 އަށް އަތޮޅު ކައުންސިލުން ވަނީ ކޮންމެ ރަށަކަށް ވަކިވަކިން ދަތުރުކޮށް، ކައުންސިލްތަކާ މަޝްވަރާކޮށް ކައުންސިލްތަކަށް ހުރި ދަތިތައް އޮޅުން ފިލުވައިފަ އެވެ. އަދި ކައުންސިލްތަކުގެ 2015 ވަނަ އަހަރުގެ އެކްޓިވިޓީ ޕްލޭނާއި ކައުންސިލް ހިންގުން ހަރުދަނާ ކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކައުންސިލްތަކާއެކު ވަނީ މަޝްވަރާކޮށްފަ އެވެ.

އަންވަރު ވިދާޅުވީ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ވެސް ދެ ފަހަރެއްގެ މަތީން ރަށްރަށަށް ދަތުރުކޮށް ކައުންސިލްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ބޭނުމަކީ ކައުންސިލްތަކަށް އަތޮޅު ކައުންސިލުން ވެދެވޭނެ އެހީތެރިކަންދެނެގަނެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.

ފަހުގެ ޚަބަރު