ތިން ބިމެއް ސަރުކާރަށް ނަގަން ނިންމައިފި

‏'ލޯކަލް ކައުންސިލްތަކުގެ އިޙްތިޞާސް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ‏‏ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމާ ބެހޭ ޤަވާޢިދު' ގެ 4 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ‏‏ނަންބަރުގައިވާ ގޮތުގެ މަތީން، މާލޭ ސިޓީ ކައުންސިލާ ޙަވާލުކުރެވިފައިވާ ބައެއް ބިންތައް، ‏ ‏އިޖުތިމާޢީ ‏‏އަދި އިޤްތިޞާދީ ކަންކަމަށް، ރައްޔިތުންނަށާއި ދައުލަތަށް އެންމެ ‏‏ފައިދާހުރިގޮތުގައި ‏‏ބޭނުންކުރެއްވުމަށްޓަކައި ސަރުކާރަށް އަނބުރާ ނެންގެވުމަށް ‏‏ވަޒީރުންގެ މަޖިލީހުން ‏‏ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުއްވައިފި‏އެވެ.

‏‏ވަޒީރުންގެ ‏މަޖިލީހުން މިގޮތަށް މި ނިންމެވީ، 19 ‏‏އެޕްރީލް 2015 ވަނަ ދުވަހު ބޭއްވުނު އެމަޖިލީހުގެ ޖަލްސާގައި މާލޭ ސިޓީ ކައުންސިލާ ‏‏ހަވާލުކޮށްފައިވާ ބައެއް ބިންތައް، އަނބުރާ ނެގުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް ‏‏އިންފްރާސްޓްރަކްޗަރުން ހުށަހެޅުއްވި ކަރުދާހެއްގެ ‏‏މައްޗަށް މެންބަރުން މަޝްވަރާ ‏‏ކުރެއްވުމަށްފަހުގައެވެ. ‏

‏މިގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ، އިޖުތިމާޢީ ބޭނުމަށް ނެގުމަށް ‏‏ނިންމަވާފައިވަނީ ގަލޮޅު ބިއްލޫރިޖެހިގެ (މިހާރުގެ މާލެ ސިޓީ ހޯލު) އިމާރާތާއި ބިމެވެ. އަދި ‏‏ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ، އިޖުތިމާޢީ އަދި އިޤްތިޞާދީ ބޭނުމަށް ނެގުމަށް ‏‏ނިންމަވާފައިވަނީ ލޯކަލް މާރުކޭޓް ‏(ކޮށި ނަންބަރު 207)‏ އާއި މަސް މާރުކޭޓު އެޅުމަށްޓަކައި ބޮޑުތަކުރުފާނު ‏‏މަގު އުތުރުން ހިއްކާފައިވާ ބިމެވެ.‏

‏ވަޒީރުންގެ މަޖިލީހުން މިގޮތަށް ލަފާއެރުވުމާގުޅިގެން މަތީގައި ދަންނަވާފައިވާ ބިންތައް ‏‏ސަރުކާރަށް ‏‏އަނބުރާ ނެންގެވުމަށްޓަކައި ކުރައްވަންޖެހޭ ކަންތައްތައް، ކަމާބެހޭ ފަރާތްތަކާ ‏‏މަޝްވަރާކުރައްވައިގެން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހައުސިންގ މިނިސްޓްރީއާ ‏‏ހަވާލުކުރައްވާފައެވެ.‏