މާލޭ ސިޓީ ކައުންސިލްގެ އިމާރާތާއި ބިން ހުސްކުރަން ނޯޓިސް ދީފި

މާލޭ ސިޓީ ކައުންސިލް ހިންގާ އިމާރާތާއި ބިން ވެސް އާދީއްތަ ދުވަހުން ފެށިގެން ސަރުކާރަށް ނަގަން ކެބިނެޓުން ނިންމާފައިވާތީ، އެ ތަންތަން ހުސްކުރަން ހައުސިން މިނިސްޓްރީން މިއަދު ނޯޓިސް ދީފި އެވެ.

މޭޔަރު މުހައްމަދު ޝިހާބު "ހަވީރަ"ށް ވިދާޅުވީ ގ. ބިއްލޫރިޖެހިގޭގައި ހިންގާ ކައުންސިލްގެ އިމާރާތާއި ބިން ސަރުކާރަށް ނަގާފައިވާކަން ހައުސިން މިނިސްޓްރީން މިހާރު ސިޓީއަކުން އަންގާފައިވާ ކަމަށެވެ. އަދި ސިޓީ ކައުންސިލް ހިންގާ އިމާރާތް އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް ހުސްކުރަން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލް އިމާރާތާ ގުޅިފައި އޮތް ހުސް ބިމުގައި، ކައުންސިލްގެ އެއްޗެހިތަކެއް ހުރި ނަމަ، އެ ތަކެތި ގެންދަން ދީފައި ވަނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތެެއް ކަމަށް މޭޔަރު ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ހުސް ބިން މިހާރު ސަރުކާރުން ބޭނުންކުރަން ފަށާފައިވާކަން ޝިހާބު ފާހަގަ ކުރެއްވި އެވެ.

އެ ބިމުގައި މިއަދު ސިފައިންގެ ފަޔާ ލޮރީތަކެއް ޕާކްކޮށްފައި އެބަހުއްޓެވެ.

"ސިޓީ ކައުންސިލް ހިންގަން ހުރަވީ ބިލްޑިންގުން ތަނެއް ދައްކަވާނެ ކަމަށް [ހައުސިން މިނިސްޓްރީގެ ސިޓީގައި] ވިދާޅުވެފައި އެބައޮތް. އެކަމަކު އެއީ ކޮން ތަނެއް ކަމެއް އަދި އަޅުގަނޑުމެންނަކަށް ނޭނގޭ،" ޝިހާބު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލް ހިންގާ އިމާރާތާއި ބިން ސަރުކާރަށް ނަގަން ކެބިނެޓުން ނިންމީ، ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ އިޖުތިމާއީ ބޭނުމަކަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. އަދި އެ ފިޔަވަޅު އެޅީ، ލޯކަލް ކައުންސިލްތަކުގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ‏‏ބިންތައް ކައުންސިލްތަކާ ހަވާލުކުރުމާ ބެހޭ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ށ) ގެ އެއް ވަނަ ‏‏ނަންބަރުގައިވާ ގޮތުގެ މަތިން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ އިމާރާތާއި އެތަނުގެ ބިން ނަގަން ވަޒީރުންގެ މަޖިލީހުން ރައީސް އަބްދުﷲ ޔާމީނަށް ލަފާއެރުވީ، ސިޓީ ކައުންސިލާ ‏‏ހަވާލުކޮށްފައިވާ ބައެއް ބިންތައް އަނބުރާ ނެގުމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގެ ‏‏މައްޗަށް ވަޒީރުން މަޝްވަރާ ‏‏ކުރުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެެ.

މާލޭ ސިޓީ ކައުންސިލް ހިންގާ އިމާރާތާއި އެތަނުގެ ބިމުގެ އިތުރުން ލޯކަލް މާރުކޭޓް ‏(ކޮށި ނަންބަރު 207)‏ އާއި މަސް މާރުކޭޓު އެޅުމަށްޓަކައި ބޮޑުތަކުރުފާނުމަގު އުތުރުން ހިއްކާފައިވާ ބިން ވެސް ސަރުކާރަށް ވަނީ ނަގާފަ އެވެ.

އެ ދެ ބިން ސަރުކާރަށް ނަގަން ނިންމީ ވެސް ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ އިޖުތިމާއީ އަދި އިގުތިސޯދީ ބޭނުމަކަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ. -ހަވީރު-

ފަހުގެ ޚަބަރު