ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި


05 Mar 2023

މިއޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓްގެ ތެރޭގައި ހިމެނިގެން ކުރިޔަށް ގެންގޮސްފައިވާ ޅ.ނައިފަރު ކައުންސިލް އައު އިމާރާތް ހުޅުވުމުގެ ހަފްލާ 1 މާރިޗު 2023 ވަނަ ދުވަހުގެ ރޭ ކުރިޔަށް ގެންގޮސްފިއެވެ. ޅ.ނައިފަރު އައު ކައުންސިލް އިދާރާގައި ކުރިޔަށް ގެންދިޔަ މި ހަފްލާގެ ޝަރަފުވެރި މެހެމާނަކީ މި އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ ފާޠިމަތު އަފްޝާން ލަތީފެވެ. ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ އިސްވެރިންނާއި، ރަށުގެ މުހިއްމު މުވައްސަސާތަކުގެ އިސް ބޭފުޅުން، އަދި ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކާއި ސްކޫލް ދަރިވަރުންވެސް ބައިވެރިވި މި ހަފްލާގައި ކައުންސިލް އިދާރާ ރަސްމީކޮށް ހުޅުއްވައިދެއްވާ ގައުމީ ދިދަ ނަންގަވައިދެއްވީ މި އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝާން ލަޠީފެވެ. އަދި ނައިފަރު ކަންސިލުގެ ދިދަ ނަންގަވައިދެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދެވެ.

ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި ކައުންސިލުން މި ދެއްވި ފުރުސަތަށް ޝުކުރު ދަންނަވައި، މި ބިނާކުރެވުނު އައު އިމާރާތުގެ ސަބަބުން އެއް ފުރާޅެއްގެ ދަށުން ރައްޔިތުންނަށް ފަސޭހަ އަދި އަވަސް ހިދުމަތްތަކެއް ދެވިގެންދާނޭކަމަށް އުއްމީދުކުރާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ނައިފަރަކީ އިލްމު ހޯދުމާއި އިލްމު އުނގެނުމަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅެމުން އަންނަ ރަށެއް ކަމަށާއި، މި ވޭތުވެދިޔަ ހަފްތާގައި އިފްތިތާހު ކުރެވިގެން ދިޔަ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނެންސް އަކީ ލާމަރުކަޒީ ނިޒާމާއި ގުޅޭގޮތުން ސްކޫލްތަކުގެ ދަރިވަރުންނާއި މުސްތަގުބަލުގައި މިދާއިރާއިން ކުރިޔަށްދިއުމަށް ބޭނުންވާ ފަރާތްތަކަށް ގިނަގުނަ މައުލޫމާތާއި ހުނަރު ހޯދިދާނޭ ވަސީލަތެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

މި ހަފްލާގައި ނައިފަރު ކައުންސިލުގެ އައު އިމާރާތުގެ ހިދުމަތް ފެއްޓުމަށްޓަކައި އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ދެވޭ މަދަދުގެ ހަނދާނާއި،ހުޅުވުމުގެ ޝަރަފުގައި ދެވޭ ޝަރަފުގެ ހަނދާން އެކި ފަރާތްތަކަށް އަރުވާފައިވެއެވެ. އަދި މުނާސަބަތާއި ގުޅޭ ހާއްސަ ދުއާއެއް ކުރުމާއި ދުވަހުގެ ހާއްސަ ކޭކު ފެޅުންވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ނޮވެމްބަރ 2019 ގައި ފަށާ އެއްކޮށް ނިންމާލެވިފައިވަނީ 2021 މެއި ގައެވެ.

5.9 މިލިޔަން ރުފިޔާގެ މި މަޝްރޫއު ކުރިޔަށް ގެންގޮސްފައިވަނީ ނާސާ ލިންކު ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. ކައުންސިލަށް ޖާގައިގެ ދަތިކަން ކުރިމަތިވެ މީގެ ކުރިން ކައުންސިލްގެ މަސައްކަތްތައް ކުރިޔަށް ގެންގޮސްފައިވަނީ ކައުންސިލްގެ މަލްޓި ޕާޕޯސް ހޯލުގައެވެ.