ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
ނޭޝަނަލް އިންސްޓިޓިއުޓް އޮފް ރޫރަލް ޑިވެލޮޕްމަންޓް އެންޑް ޕަންޗަޔާތީ ރާޖް (އެން.އައި.އާރު.ޑީ.ޕީ.އާރު)އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ދެމެދު ސޮއިކުރެވިފައިވާ އެމް.އޯ.ޔޫގެ ދަށުން ކުރިއަށް ގެންދާ "ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ އޮފް މެމްބަރސް އޮފް ލޯކަލް ކައުންސިލްސް އެންޑް ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ އެންޑް ސްޓާފް އޮފް ލޯކަލް ގަވަރމަންޓް އޮތޯރިޓީ" ގެ 7 ވަނަ ބެޗުގެ ބައިވެރިން ތަމްރީނަށް ފުރުމުގެ ކުރިން ބައިވެރިންނަށް ހާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި އިންޑިއަން ހައިކޮމިޝަނަރ އޮނޮރަބަލް ޝްރީ މުނޫ މަހާވަރު އާއި، އިންޑިއަން ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރ ޝްރީ މަޔަންކް ސިންހް އާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް މުޙައްމަދު ނިމާލް އާއި އޮތޯރިޓީގެ އިސްވެރިންގެ އިތުރުން ތަމްރީނުގެ ބައިވެރިން ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި ތަމްރީނުގެ ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަފުޅު ދައްކަވަމުން އެލް.ޖީ.އޭ ގެ ސީ.އީ.އޯ މުޙައްމަދު ނިމާލް ވިދާޅުވެފައިވަނީ މި ތަމްރީނު ޕްރޮގުރާމަކީ ލެކްޗަރތަކުގެ އިތުރުން ތަޖުރިބާގެ ދަތުރުތައް ހިމެނޭ އިންޑިއާގެ ލޯކަލް ގަވަރނަންސްގެ އަމަލީ މަސައްކަތްތަކަށް ލޯ ހުޅުވިގެންދާނެ މުހިއްމު ޕްރޮގުރާމެއް ކަމުގައެވެ. އަދި ލިބޭ ތަޖުރިބާގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި ޝައުގުވެރިކަމާއިއެކު އިންޑިއާގެ ލޯކަލް ގަވަރނަންސް ގެ މަސައްކަތްތައް ދިރާސާކޮށް އެފަދަ ކަންކަން ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގައި ތަންފީޒު ކުރެވޭނެ ގޮތްތަކާއި މެދު ވިސްނަން މަސައްކަތް ކުރެއްވުމަށް ތަމްރީނުގެ ބައިވެރިންނަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް ދިވެހިރާއްޖެގޭ ލާމަރުކަޒީ ނިޒާމު ކުރިއެރުވުމަށާއި، އިންޑިއާގެ ލާމަރުކަޒީ ނިޒާމު ހިނގަމުންދާގޮތް ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ މި ތަމްރީނު ޕްރޮގްރާމު 7 ވަނަ ބެޗް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 24 އޮކްޓޯބަރ އިން 7 ނޮވެމްބަރ 2024 އަށް އިންޑިއާގެ ހައިދުރާއާބާދުގައެވެ. މި ބެޗުގައި ރަށު ކައުންސިލްތަކުން 26 ފަރާތަކާއި އަދި އެލް.ޖީ.އޭ ގެ 2 މުވައްޒަފެއް ބައިވެރިވެއެވެ.