ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން، އިނގިރޭސި ވިލާތުގެ ސަރުކާރުގެ އެހީތެރިކަމާއެކު، ރާއްޖޭގެ ހުރިހާ އަތޮޅަކާއި ސިޓީތަކުގެ އަންހެން ކައުންސިލަރުންނާއި، އަންހެންނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންނަށް އަމާޒުކޮށް 'ރަންހިރު ދަރުބާރު' ގެ ނަމުގައި 2023 ޑިސެމްބަރު 12-13 އަށް، ފޯރަމްއެއް ކުރިޔަށް ގެންގޮސްފިއެވެ. މި ފޯރަމްގައި ރާއްޖޭގެ އުތުރާއި ދެކުނުން ޖުމްލަ 39 އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން ބައިވެރިވެލައްވާފައިވެއެވެ.
2 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ފޯރަމްގައި، މުޖުތަމަޢުގައި ގަބޫލުކުރާ ގަބޫލުކުރުންތަކުގެ ސަބަބުން ކުރިމަތިވާ މިންތީގެ ތަފާތުކުރުންތަކާއި، ރަށު އަދި ސިޓީތަކުގެ އިޖުތިމާއީ ގުޅުންތަކާއި، މަސައްކަތުގެ މާހައުލުގައި ދިމާވާ މިންތީގެ ގޮންޖެހުންތަކާއި، ތަމްރީނުތަކާއި ހުނަރު ތަރައްޤީކުރުމަށް ދިމާވާ ދަތިތަކާއި، ލާމަރުކަޒީ ހިންގުމުގެ ނިޒާމުގެ އެކި މަސްއޫލުވެރިންނަށް ގުޅިގެން މަސައްކަތްކުރުމަށާއި އިދާރީ ގޮތުން ކުރިމަތިވާ ދަތިތަކާއި، ކަމާގުޅުންހުރި މަސްއޫލުވެރިންނަށް މައްސަލަތައް ހައްލުކުރުމަށް އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުން މަޝްވަރާ ކުރިއެވެ. އަދި މި ފޯރަމްގައި ބައިވެރިވެލައްވާ މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއިންވެސް އެހީތެރިކަން ފޯރުކޮށްދެއްވާފައިވެއެވެ.
އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގައި ބައިވެރިވުމާއެކު މިފަދަ ފޯރަމް ބޭއްވުމުގެ މަޤްސަދަކީ އެފަރާތްތަކުގެ ބައިވެރިވުމާއެކު މިންތިއާ ގުޅުންހުރި އެކި މައްސަލަތަކާ މެދު މަޝްވަރާކުރެވި، ލާމަރުކަޒީ ހިންގުމުގެ ނިޒާމުގައި މުޅި މުޖުތަމައުގެ ހިޔާލުތައް ތަމްސީލުކުރުމަށް މަގުފަހިކޮށް، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމެވެ. އަދި އަންހެން ކައުންސިލަރުންގެ ތަޖުރިބާއާއި އިލްމު ހިއްސާކުރާނެ މަންސަތަކެއް ޤާއިމުކޮށް އެފަރާތްތަކަށް ވިލަރެސްކޮށް ގުޅިގެން މަސައްކަތްކުރާނެ ވިއުގައެއް އެކުލަވާލުމަށް ފަހިކޮށްދިނުމެވެ. މިފަދަ ފޯރަމްތަކުގެ ސަބަބުން ލާމަރުކަޒީ ހިންގުމުގެ ނިޒާމުގައި ހުށައެޅޭ އެންމެހާ ސިޔާސަތުތަކަކީ މުޅި މުޖުތަމައަށް ފައިދާކުރަނިވި ސިޔާސަތުތަކަން ކަށަވަރުކުރުމަށް އެހީތެރިވެދެއެވެ.