ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
މާލެއަތޮޅު އަތޮޅު ކައުންސިލްގެ 13 ވަނަ ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު މި އޮތޯރިޓީގެ ސީއީއޯ ޝަރަފްވެރި ކޮށްދެއްވައިފި.
މާލެއަތޮޅު އަތޮޅު ކައުންސިލްގެ 13 ވަނަ ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު 2024 އޯގަސްޓް 31 ވީ ހޮނިހިރު ދުވަހުގެ ރޭ އެ އަތޮޅުގެ މާފުށީގައި ބާއްވައިފިއެވެ.
ނިމިދިޔަ އޯގަސްޓް މަހުގެ 29 އިން 31 އަށް ކުރިޔަށް ގެންދިޔަ މި ޤުރުއާން މުބާރާތުގައި އެ އަތޮޅުގެ ހުރިހާ ރަށަކުން ޖުމުލަ 149 ދަރިވަރުން ވަނީ ބައިވެރިފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ މި އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް މުހައްމަދު ނިމާލް ދެއްކެވި ވާހަކަފުޅުގައި އިސްލާމީ ރިވެތި އަހުލާގުގެ ނަމޫނާ ދަރިވަރުންނަށް ވުމަށްޓަކައި ކީރިތި ޤުރުއާން ކިޔެވުމަށް ނަސޭހަތްތެރިވެ, މައިންބަފައިންނާއި މުދައްރިސުންނަށް ކިޔަމަންތެރިވުމަށާއި, ޤުރުއާން, އޭގެ ހަމަތަކުގެ މަތިން ތަޖުވީދުމަގުން ކިޔެވުމަށް ބާރުއެޅުއްވިއެވެ. އަދި އެއްއަހަރަށްވުރެ އަނެއް އަހަރު މި މުބާރާތުގެ އިންތިޒާމްތައް ފުރިހަމަވަމުންދާ ކަމާއި, މި މުބާރާތް އެހާ ފުރިހަމަކަމާއެކީ ނިންމާލުމުން އެ މަނިކުފާނުވަނީ ކ.މާފުށީ ކައުންސިލަށް ޝުކުރާއި މަރުހަބާ ދަންނަވާފައެވެ. އަދި މާލެ އަތޮޅުގެ އަތޮޅު ކައުންސިލްގެ އަގުހުރި މަސައްކަތްތައް އަގުވަޒަން ކުރައްވާ ހާއްސަ ޝުކުރެއްވަނީ އަރިސްކުރައްވާފައެވެ.
މި އަހަރު މި މުބާރާތުގެ ހުރިހާ ގޮތަކުން އެއްވަނަ އަށް އައިސްފައިވާ ދަރިވަރަކީ ކ.އަތޮޅު މަދަރުސާގެ ޝެޒާ ސާޖިދު ސަމީރެވެ. އަދި މުޅި މުބާރާތުގެ އެއްވަނަ ސްކޫލަކަށް ހޮވިފައިވަނީ ކ.މާފުށީ ސްކޫލެވެ. މީގެ އިތުރުން މި މުބާރާތް މިހާ ފުރިހަމަ ކަމާއެކީ އިންތިޒާމު ކުރެއްވުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރުދުންނަށްވަނީ ކ.މާފުށީ ކައުންސިލުން ހަނދާނީ ފިލާ އަރުއްވާފައެވެ.