"ސެމިނަރ އޮން ޕަބްލިކް ސަރވިސަސް އެންޑް ލޯކަލް ގަވަރނަންސް ފޮރ ދަ މޯލްޑިވްސް" ގައި އެލް.ޖީ.އޭ އިން ބައިވެރިވެއްޖެ


12 Sep 2024

ޗައިނާ ސަރުކާރުގެ އެކަޑަމީ ފޯ އިންޓަނޭޝަނަލް ބިޒްނަސް އޮފިޝަލްސް (އޭއައިބީއޯ) އިން އިންތިޒާމުކޮށްގެން، 9 ސެޕްޓެމްބަރުން 29 ސެޕްޓެމްބަރަށް ކުރިއަށްގެންދާ "ސެމިނަރ އޮން ޕަބްލިކް ސަރވިސަސް އެންޑް ލޯކަލް ގަވަރނަންސް ފޮރ ދަ މޯލްޑިވްސް" ގައި އެލް.ޖީ.އޭ އިން 4 މުވައްޒަފުން ބައިވެރިވެއްޖެއެވެ. ޗައިނާގެ ވެރިރަށް ބެއިޖިން ގައި ބޭއްވޭ މި ސެމިނާގައި އެލް.ޖީ.އޭ އިން ބައިވެރިވެފައިވަނީ ޑިރެކްޓަރ ޙުސައިން ވަޙީދު، އެސިސްޓަންޓް ޑިރެކްޓަރ ޢަބްދުލް މުޢުމިން، އެޑްވޮކޭޓަރ ޝިފާ ޢަލީ މުރްތަޟާ އަދި އޮޑިޓަރ މުޙައްމަދު ޢިރުފާމެވެ.

އެކަޑަމީ ފޯ އިންޓަނޭޝަނަލް ބިޒްނަސް އޮފިޝަލްސް (އޭއައިބީއޯ) އަކީ ޗައިނާގެ ކޮމާސް މިނިސްޓްރީގެ ދަށުން، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓާއި ކޯޕަރޭޝަން ޕްރޮޖެކްޓްތައް ހިންގުމަށް، ޗައިނާއާއި އެހެނިހެން ޤައުމުތަކުގައިވެސް އޮފްލައިން އަދި އޮންލައިން ތަމްރީނު ދޭ މުއައްސަސާއެކެވެ.

ދިވެހިރާއްޖޭގެ މުއައްސަސާތަކަށް އަމާޒުކޮށްގެން މިއަހަރު ބޭއްވޭ "ސެމިނަރ އޮން ޕަބްލިކް ސަރވިސަސް އެންޑް ލޯކަލް ގަވަރނަންސް ފޮރ ދަ މޯލްޑިވްސް" ގެ މައިގަނޑު މަޤްޞަދަކީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ޢާންމު ޚިދުމަތްތަކާއި ލާމަރުކަޒީ ވެރިކަމުގެ ތަޖުރިބާ ހިއްސާކޮށް ހަރުދަނާކުރުމާއި، ދިވެހިރާއްޖޭގައި ހިންގޭ މަޝްރޫޢުތަކުގައި ޗައިނާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރި ފުރުޞަތުތައް ދެނެގަނެ، އެކަމަށް މަގުފަހިކޮށްދިނުމެވެ. މީގެ އިތުރުން، ސެމިނާގެ ބައިވެރިންނަށް ލީޑަރޝިޕް ހުނަރުތަކާއި، ބައިނަލްއަޤްވާމީ ނަޒަރަކުން ޢާންމު ޚިދުމަތްތަކާއި ލާމަރުކަޒީ ވެރިކަމެއް ހިންގުމުގެ ހުނަރުތައް ދަސްކޮށްދެވޭނެއެވެ.

މި ސެމިނާއަކީ ދިވެހިރާއްޖޭގެ އެކި ވުޒާރާތަކާއި މުއައްސަސާތަކުން ޖުމްލަ 21 ބޭފުޅުން ބައިވެރިވެލައްވާ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދެ ޤައުމުގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ. ސެމިނާގެ މުއްދަތުގައި ބައިވެރިންނަށް ނަޒަރިއްޔާތީ އަދި ޢަމަލީ ތަފާތު ތަމްރީނުތައް ދެވިގެންދާނެއެވެ.

މި ސެމިނާއަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ލާމަރުކަޒީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެ ޤައުމުގެ ތަޖުރިބާ ހިއްސާކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.