ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
ސަރުކާރުން ވިސްނަމުންދަނީ ކޮންމެ ރަށަކަށް ވެސް އެންމެ ފައިދާހުރި ގޮތަކަށް ކަންތައްތައް ކޮށްދިނުމަށް ކަމަށް އެލްޖީއޭގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. އއ. އަތޮޅު ކައުންސިލާ މިއަދު ބައްދަލުކުރައްވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ރަށްރަށުގެ ކައިރީގައިވާ ފަޅުރަށްތަކުގެ ފައިދާ އެރަށަކަށް ހޯދައިދިނުމަށް ސަރުކާރުން ވަރަށް ބޮޑަށް ވިސްނަމުންދާ ކަމަށެވެ. އަދި ފަޅުރަށްތައް ސަރުކާރުގެ ބޭނުމަށް ނަގާނަމަ ކައުންސިލްތަކާ މަޝްވަރާކުރައްވާނެ ކަމަށެވެ. އއ. އަތޮޅު ކައުންސިލުން ވަނީ އެއަތޮޅުގައި ހުރި ހުރިހާ ފަޅުރަށެއްހެން ރިސޯޓް ހެދުމަށާއި ސިނާއީ ބޭނުންތަކަށް ބޭނުންކުރާ ރަށްތަކަށް ބަދަލުވަމުންދާތީވެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. "ހުރިހާ ރަށެއް އެގޮތަށްވީމަ ދެ ގޮތަކަށް ގެއްލުންވޭ. އެއީ އާމްދަނީގެ ގޮތުންނާއި ތިމާވެށިގެ ގޮތުން. ހުރިހާ ރަށެއް އާއްމުންނަށް ބޭނުންނުކުރެވޭގޮތްވީމަ ސްކޫލްކުދިން މަޖާކޮށްލަން ވެސް ނުވަތަ ސްކޫލް ކަމެއްގައި ވެސް ޖައްސާލަނެ ތަނެއް ވެސް ނެތް. މިއީ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް،" ކައުންސިލްގެ ރައީސް އަފޫރު ވިދާޅުވި އެވެ. އެލްޖީއޭގެ ސީއީއޯ ޑރ. އަހުމަދު ޝުކުރީ ހުސައިނާއެކު މިއަދުގެ ބައްދަލުވުމުގައި އއ. އަތޮޅު ކައުންސިލްގެ ރައީސާއި ނާއިބް ރައީސް އަދި އިތުރު މެމްބަރަކު ބައިވެރިވެޑައިގެންނެވި އެވެ.