ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
ސަރުކާރުގެ 100 ދުވަހުގެ ވަޢުދުގެ ދަށުން "މުޅި ރާއްޖެއިން މަދިރި އާއި ބަލި ފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމުގެ ޕްރޮގްރާމް" ޤަވާޢިދުން ހިންގުމަށް ފަންނީ އެހީއާއި އެއްބާރުލުން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ލޯކަލް ގަވަރންމަންޓް އޮތޯރިޓީ އާ ދެމެދު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.
މިއަދު ސޮއި ކުރެވުނު މި ފަހުމުނާމާގެ މަޤްޞަދަކީ ކައުންސިލްތަކުގެ އިޙްތިޞާޞްގައިވާ ތަންތަނުގައި މަދިރި އާއި ބަލި ފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި އުފެދި އާލާވާނެ ތަންތަނާއި ކަންކަން ހުއްޓުވުމަށް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ކުރުމަށް ކަނޑައަޅާފައިވާ ކަންކަން، އެކަމަށް ކަނޑައަޅާފައިވާ އުޞޫލުތަކާއި ޤާނޫނާއި ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން އަދި ސަރުކާރުން މިކަމުގައި ކަނޑައަޅާ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ތަންފީޒު ކުރެވޭކަން ކަށަވަރު ކުރުމަށްޓަކައި ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމެވެ.
މި ފަހުމުނާމާގެ ދަށުން އެލް.ޖީ.އޭ ގެ ޒިންމާ ތަކަކީ:
(ހ) މަދިރި އާއި ބަލި ފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމުގެ ޕްރޮގްރާމް ޤަވާއިދުން ހިންގުމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ކުރުމަށް ކަނޑައަޅާފައިވާ ކަންކަން އެގޮތުގެ މަތިން ކައުންސިލްތަކުން ކުރުމަށް އެލް.ޖީ.އޭ އިން ކައުންސިލްތަކަށް އެންގުމާއި އެގޮތަށް އެކަންތައްތައް ކުރާކަން ކަށަވަރުކުރުން.
(ށ) ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކުން ކުރެވޭ މަސައްކަތް މޮނީޓަރ ކުރުމާއި ކައުންސިލްތަކުން ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ޤަވާއިދުން ފޮނުވަމުންދާކަން ކަށަވަރުކުރުން.
(ނ) މަދިރި އާއި ބަލި ފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފީގެ ސަބަބުން ބައްޔެއް ފެތުރޭނަމަ އެ ބަލި ކޮންޓްރޯލް ކުރުމުގައި އެއްބާރުލުން ދިނުން.
(ރ) ކައުންސިލްތަކަށް އަމާޒުކޮށްގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގައި މަދިރި އާއި ބަލި ފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފީގެ މައުލޫމާތު ހިމަނާ ކައުންސިލްތަކަށް ފޯރުކޮށްދިނުމާއި އެފަދަ ޕްރޮގްރާމްތައް ވިލަރެސްކުރުން.
(ބ) މަދިރި އާއި ބަލި ފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމަށް ބޭނުންވާ ބަޖެޓް ކައުންސިލްތަކަށް ހޯދައި ދިނުމަށް މަސައްކަތްކުރުން.