ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ދާއިމީ މުވައްޒަފުންގެ ތެރެއިން ޝަރުއީ ގޮތުން ބެލެނިވެރިކަން ހަވާލުވާ މުވައްޒަފުންނަށް ޗުއްޓީ (ފޮސްޓަރ ލީވް) ދޭންނިންމައިފިއެވެ. މިގޮތުންދެވޭ ދެވޭ ޗުއްޓީ މުވައްޒަފުންނަށް ހައްގުވާ ޗުއްޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ 27 ޖަނަވަރީ 2020 ވަނަ ދުވަހު ބޭއްވުނު އޮތޯރިޓީގެ މިއަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުމުގައެވެ. މި ޗުއްޓީ ހަމަޖައްސައިދިނުމުގެ މަޤުސަދަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދީންނާ ހަވާލުވެ އާއިލީވެއްޓެށްގައި އާއިލާއެއްގެ ރައްކާތެރިކަން ލިބިގެން ކުދީން ބޮޑުކުރުވުމަށް ހިތްވަރުދިނުމެވެ.
މިގޮތުން މި ޗުއްޓީ ދިނުމަށް ނިންމާފައިވަނީ ކުއްޖާގެ އުމުރުން 6 މަސް ނުވާނަމަ، އަންހެން މުވައްޒަފުންނަށް، ކުއްޖާގެ އުމުރުން 6 މަސް ވަންދެން، ފިރިހެން މުވައްޒަފެއްނަމަ ކުއްޖާގެ އުމުރުން 7 މަސް ވަންދެން 1 މަސް ދުވަހުގެ ޗުއްޓީއެކެވެ. އަދި ޝަރުޢީ ގޮތުން ބެލެނިވެރިކަން ހަވާލުވާ ކުއްޖާގެ އުމުރު 6 މަހަށް ވުރެ އިތުރުވާނަމަ އަންހެން އަދި ފިރިހެން މުވައްޒަފުންނަށް 1 މަސް ދުވަހުގެ ޗުއްޓީއެކެވެ.
މީގެ އިތުރުން ޝަރުއީ ބެލެނިވެރިކަން ހަވާލުކުރެވޭ ކުއްޖާއާއި ހަވާލުވާ އަންހެން މުވައްޒަފަށް ދެވިފައިވާ ޗުއްޓީ ހަމަކޮށް، އޮފީހަށް ނުކުންނަ ދުވަހުން ފެށިގެން ކުއްޖާގެ އުމުރުން 1 އަހަރުވަންދެން، ކުއްޖާއަށް ކަންތައް ކޮށްދިނުމަށްޓަކައި، ކޮންމެ ދުވަހަކު ދުވާލަކު 2 ފަހަރު 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދޭގޮތަށްވަނީ ހަމަޖައްސާފައެވެ. އަދި ޝަރުއީ ބެލެނިވެރިކަން ހަވާލުވާ މުވައްޒަފަށް ދެވިފައިވާ ޗުއްޓީ ހަމަވުމުން، މުވައްޒަފުންބޭނުންނަމަ މުސާރަ ނުލިބޭގޮތަށް 1އަހަރު ދުވަހަށްވުރެ ދިގުނޫން ޗުއްޓީ އެއް ނެގޭގޮތަށްވެސްވަނީ ހަމަޖައްސައިދީފައެވެ.