ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކައުންސިލްތައް މޮނިޓަރ ކުރުމުގެ ހަރަކާތުގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލް މޮނިޓަރކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި ހަރަކާތުގެ ދަށުން، އައްޑޫ ސިޓީ ކައުންސިލް މޮނިޓަރ ކުރުމަށް އެލް.ޖީ.އޭ ގެ ޓީމް ފެބްރުއަރީ 16 ން 20 ވަނަ ދުވަހާ ހަމައަށް ސިޓީ ކައުންސިލާއި ރަށު އޮފީސްތަކުގައި މަސައްކަތް ކުރާނެއެވެ. މި މޮނިޓަރިންގ އަކީ ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އައްޑޫ ސިޓީ ކައުންސިލުން އަދާކުރަމުންދާގޮތާއި އެޤާނޫނުގެ ދަށުން އެކައުންސިލުން ތައްޔާރުކޮށް އެކި މުއައްސަސާތަކަށް ހުށަހަޅަންޖެހޭ ރިޕޯޓުތަކާއި ލިޔުންތައް ހުށަހަޅާފައިވޭތޯ ބެލުމަށާއި، ކައުންސިލްގެ ބައްދަލުވުންތައް ބޭއްވުމާއި، ރައްޔިތުންގެ މުދަލާއި ވަސީލަތްތައް ބޭނުންކުރަމުންދާގޮތާއި، މާލީ ކަންކަން ބެލެހެއްޓުމާއި، ކައުންސިލްގެ މުވައްޒަފުންގެ މަޢުލޫމާތު ރައްކާކުރުމާއި، ކައުންސިލްގެ ހަރުމުދަލާއި ސްޓޮކް ގެ ކަންތައްތައް ކުރިޔަށް ގެންގޮސްފައިވާ ގޮތް ދެނެގަތުމަށް ކުރެވޭ މޮނިޓަރިންގ އެކެވެ.
ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ 61 ވަނަ މާއްދާގެ (ހ) އަދި (ށ) އިން، ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދަނީ ޤާނޫނު އަސާސީއާއި މިޤާނޫނާއި އެހެނިހެން ޤާނޫނުތަކާ އެއްގޮތަށްތޯ ބަލައި، އެ މަސައްކަތްތަކާއި ޙަރަކާތްތައް ޤައުމީ ފެންވަރުގައި ވިލަރެސްކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް މިއޮތޯރިޓީން ކުރިއަށް ގެންދެއެވެ.