ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
ކޮވިޑް19 އާއި ގުޅިގެން އެލް.ޖީ.އޭ މުވައްޒަފުންނަށް ޗުއްޓީދޭނެ ގޮތުގެ އުސޫލު ކަނޑައަޅައި، 2020 މާރިޗު 15 ދުވަހު ބޭއްވުނު އޮތޯރިޓީގެ ބޯޑު ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.
މި އުސޫލުގެ ދަށުން ކޮވިޑް19 ގެ އަލާމާތެއް ހުރިކަމަށް މިއޮތޯރިޓީގެ މުވައްޒަފަކަށް ފެނިއްޖެ ހިނދެއްގައި، ޚާއްޞަ ޗުއްޓީގެ ގޮތުގައި ޑޮކްޓަރުގެ ލިޔުމެއްނެތި ވިދިވިދިގެން ގިނަވެގެން މަސައްކަތު ފަސްދުވަސް ޗުއްޓީގެ ގޮތުގައި ހުރެވޭނެއެވެ. އަދި މީގެ އިތުރުން މިއޮތޯރިޓީގެ މުވައްޒަފުންގެ ތެރެއިން ގޭގައި ތިބެގެން މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް، އޮތޯރިޓީން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން އެ ފުރުޞަތު ލިބިދެވިދާނެއެވެ.
މި އުޞޫލުގެ މަޤްޞަދަކީ، ކޮރޯނާ ވައިރަސް (ކޯވިޑް-19) ހުރިކަމަށް ބެލެވިގެން ނުވަތަ ޝައްކުކުރެވިގެން މުވައްޒަފުން އޮތޯރިޓީއަށް ޙާޟިރުވުމަށް ޢުޛުރުވެރިވާ ޙާލަތުގައި ނުވަތަ ޤާނޫނު ނަންބަރު: 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން މުވައްޒަފަކު އައިސޮލޭޓް ނުވަތަ ކަރަންޓީނުކުރެވޭ ޙާލަތުގައި، އެ ފަދަ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖެއްސުމާއި، އެފަދަ ޙާލަތުގައިވެސް އޮތޯރިޓީގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ އަދި އޮތޯރިޓީގެ ވާޖިބުތައް އަދާކުރެވޭނެ ގޮތް މަގުފަހިކޮށްދީ، މުވައްޒަފުންގެ މެދުގައާއި މުޖުތަމަޢުގައި ވައިރަސް ފެތުރިގެން ދިއުމުގެ ހިރާސް ކުޑަކުރުމެވެ.