އީކައުންސިލް ގެމެން ޕޯޓަލް މާލެސިޓީގައި ރޯލްއައުޓުކޮށްފި


01 Jul 2020

ކައުންސިލްތަކުގެ ވިހާމަރުވާއާއި ގޯތިގެދޮރުގެ މައުލޫމާތާއި ވޯޓްލާމީހުންގެ ރަޖިސްޓަރީއާއި ވަގުތީ ގޮތުން ދިރިއުޅޭ މީހުންގެ ދަފްތަރު ފަދަ އާބާދީއާއި ގުޅޭ މައުލޫމާތު ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް ތައްޔާރުކޮށްފައިވާ އީކައުންސިލް ގެމެން ޕޯޓަލް މާލެސިޓީގައި މިއަދު ރޯލްއައުޓުކޮށްފިއެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއާއި  ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން ގުޅިގެން އެންސީއައިޓީ އިން ޑެވެލޮޕްކޮށް ސަޕޯޓް ދެމުންދާ ޕޯޓަލް ރަސްމީކޮށް މާލެސިޓީ ކައުންސިލާއި މާލެސިޓީގައި ހިމެނޭ ހޮސްޕިޓަލްތަކުގައި ބޭނުންކުރަންފަށާފައިވަނީ އެކަމަށް ހާއްސަކޮށްގެން ސްޓެލްކޯގައި 2020 ޖުލައި 01 ވަނަ ދުވަހު ބޭއްވުނު ހާއްސަ ޖަލްސާއެއްގައެވެ.

މާލެސިޓީގައި ރޯލް އައުޓްކުރުމަށް ކުރަންޖެހޭ  މަސައްކަތްތައް ފެށިގެން ދިޔައީ ޔުނިސެފް ފަންޑްގެ އެހީގައެވެ.  މި ގޮތުން މާލެސިޓީ ކައުންސިލްގައި ހުރި މައުލޫމާތުތައް ސިސްޓަމަށް އެޅުމުގެ މަސައްކަތް ކުރުމުގެ ގޮތުން އެމަސައްކަތަށް ނެގި ވަގުތީ 5 މުވައްޒަފުންނާއި މާލެސިޓީ ކައުންސިލްގެ މުވައްޒަފުންގެ ބޭނުންކޮށްގެން މާލެސިޓީ ކައުންސިލްގައި ހުރި ޑޭޓާތައް އެންޓްރީ ކުރުމުގެ މަސައްކަތްވަނީ ކުރެވިފައެވެ.

އީ-ކައުންސިލްގެ ޕްރޮޖެކްޓްގެ ދަށުން އެލްޖީއޭއިން އެންމެ ފުރަތަމަ ކޮށްފައިވާ މުހިއްމު މަސައްކަތަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ލޯކަލް ކައުންސިލްތައް ގުޅުވާދޭ އީ-ކަނެކްޓިވިޓީ ނެޓްވޯކް އެންސީއައިޓީގެ ނެޝެނަލް ކޮމިއުނިކޭޝަން ނެޓްވޯކްއާއި ގުޅުވާލުމުގެ މަސައްކަތެވެ. އީ-ކައުންސިލް ވިއުގަ ޤާއިމުކުރުމަށް 2012 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން 2015 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ލޯކަލް ކައުންސިލް ނެޓްވޯރކް ގާއިމުކޮށް ރާއްޖޭގެ މުއާސަލާތީ ޚިދުމަތްދޭ ދެ ކުންފުނިކަމަށްވާ ދިރާގު އަދި އުރީދު (ވަތަނިއްޔާ)އާއި ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށް ގެންގޮސް ރާއްޖޭގެ ހުރިހާ ރަށަކަށް މިނެޓްވޯކް އަޅާ އީ-ކައުންސިލް ވިއުގަ ޤާއިމްކޮށް، ޤައުމީ ކޮމްޕިއުޓަރ ވިއުގައާއި މިހާރުވަނީ ރާއްޖޭގެ ހުރިހާ ރަށްތަކެއް ގުޅާލެވިފައެވެ. މިއީ 37 މިލިއަން ދިވެހި ރުފިޔާގެ ޕްރޮޖެކްޓެކެވެ. މިހާރު ކުރެވެމުންދަނީ މި ވިއުގަ ބޭނުންކޮށްގެން ކައުންސިލުންދޭ ހިދުމަތްތަކަށް ބޭނުންވާ ޕޯޓަލްތަކާއި މޮޑިއުލްތައް އުފައްދައި ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ގޭބިސީތަކާއި ހަމައަށް ގެންދިއުމުގެ މަސައްކަތެވެ.

އީ-ކައުންސިލްގެ ޕްރޮޖެކްޓްގައި ހިމެނިގެން އެލްޖީއޭ އިން މިހާތަނަށް ޑެވެލޮޕްކޮށްފައިވާ ޕޯޓަލްތަކަކީ

  • ވިޔަ ޕޯޓަލް:  ވިޔަ ޕޯޓަލްއަކީ ލޯކަލް ކައުންސިލްތަކުގެ މާލީ މުޢާމަލާތްތައް ބެލެހެއްޓުން ހަރުދަނާކޮށް ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބެލެހެއްޓުމަށް މަގުފަހިކޮށްދިނުމަށް އެލްޖީއޭ އިން ޑެވެލޮޕްކުރި ޕޯޓަލެއެކެވެ. މި މޮޑިއުލް ތައްޔާރުކުރެވިފައިވަނީ ޕްރޮކިއުމަންޓާއި ބަޖެޓުން ޚަރަދުކުރުމުގެ ހުރިހާ މަރުހަލާއެއް މި ނިޒާމުގެ ތެރެއިން ކުރެވޭ ގޮތަށެވެ. މި މޮޑިއުލްގެ ސަބަބުން ކައުންސިލްތަކުގެ މާލީ ހިސާބުތައް އެއް ނިޒާމެއްގެ ތެރެއިން ފަސޭހަކަމާއެކު ބެލެހެއްޓި، ކަމާ ގުޅުންހުރި މުއައްސަސާތަކަށް ބޭނުންވާ މާލީ ހިސާބުތަކުގެ މައުލޫމާތު ފަސޭހައިން ލިބިގެންދާނެއެވެ
  • ވުނަ ޕޯޓަލް: ވުނަ ޕޯޓަލްއަކީ ލޯކަލް ކައުންސިލްތަކުގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުމަށް އެލްޖީއޭ އިން ޑެވެލޮޕްކުރި ޕޯޓަލެކެވެ.  މި ޕޯޓަލް މެދުވެރިކޮށް މެދުވެރިކޮށް އެލްޖީއޭއާއި ސަރުކާރުގެ އެހެން އިދާރާތަކަށް ބޭނުންވާ މައުލޫމާތު އެއްކުރެވި ފަސޭހައިން އެއިދާރާތަކާއި ހިއްސާކުރުމާއި، ކައުންސިލްތަކުން ބަލަހައްޓަން ގާނޫނުން ލާޒިމްކުރާ އެކިއެކި ދަފުތަރުތައް ބަލަހައްޓާ އަރުޝީފްކުރުމުގެ މަސައްކަތްކުރެވި އެ މައުލޫމާތުދައުލަތުގެ އިދާރާތަކަށް ވަގުތުން ވަގުތަށް ލިބިގެންދާނެ.
  • ކިއެވެނި ޕޯޓަލް: ކިޔެވެނި ޕޯޓަލްއަކީ ލޯކަލް ކައުންސިލްތަކަށް ތަމްރީނުތަށް ދިނުމަށް އެލްޖީއޭ އިން ޑެވެލޮޕްކުރި ޕޯޓަލްއެކެވެ. މި ޕޯޓަލްގެ ސަބަބުން ކައުންސިލްތަކަށް ތަމްރީނު ދިނުމަށް ކުރަމުންދިޔަ ދަތުރުފަތުރަށްކުރެވޭ ހަރަދު ކުޑަކުރެވޭނެއެވެ. އަދި ސަރުކާރު އެކި ވުޒާރާތަކުން ކައުންސިލްތަކަށް ވީޑިއޯ ކޮންފަރެންސް ހެދުމަށާއި އެއްކައުންސިލުން އެނެއް ކައުންސިލާއި ކޮންފަރެންސް ހެދުމަށް މި މޮޑިއުލްގެ ބޭނުން ހިފޭނެ
  • ކައުންސިލްތަކުގައި ބޭނުންކުރާ މެއިލް gov.mv ގެ ޑޮމައިންއަށް ބަދަލުކުރުން

އީ-ކައުންސިލް ޕްރޮޖެކްޓުން މުސްތަގްބަލުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް، ކޮންމެ ތަނަކުންވެސް، ކައުންސިލްތައް މެދުވެރިކޮށް ލިބެންޖެހޭ ހިދުމަތަތްކާއި މައުލޫމާތު ފަސޭހަކަމާއެކު އޮންލައިންކޮށް ލިބިގަނެވިގެންދިޔުމެވެ. މިއަމާޒަށް ވާސިލްވުމަށް އެލްޖީއޭއިން ކައުންސިލްތަކާއި ކަމާގުޅުންހުރި ގިނަ މުއައްސަސާތަކަކާއެކު މިދަނީ މަސައްކަތްކުރަމުނެވެ.