ބ.ފުޅަދޫ ކައުންސިލް އިދާރާ، ހއ.ކެލާ އަދި ހދ. ވައިކަރަދޫ މަސްމާރުކޭޓް އެޅުމުގެ މަޝްރޫއު ކައުންސިލުން ކުރިޔަށްގެންދިޔުމަށް ހަވާލުކޮށްފި


03 Mar 2021

މި އޮތޯރިޓީގެ ބަޖެޓްގައި ހިމެނިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫއުގެ ތެރެއިން ބ.ފުޅަދޫ ކައުންސިލް އިދާރާ، ހއ.ކެލާ އަދި ހދ. ވައިކަރަދޫ މަސްމާރުކޭޓް އެޅުމުގެ މަޝްރޫއު ކައުންސިލްއާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ 3 މާރިޗް 2021 ވަނަ ދުވަހު ޒޫމް މެދުވެރިކޮށެވެ.

މި އެއްބަސްވުންތަކުގައި  އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝަން ލަތީފެވެ. އަދި ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްތަކުގެ ރައީސުންނެވެ. މިބައްދަލުވުމުގައި ކެލާ އަދި ވައިކަރަދޫ ދާއިރާގެ މަޖުލިސް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

ހދ. ވައިކަރަދޫ މަސްމާރުކޭޓް ވަނީ  04 ޑިސެމްބަރ 2019 ވަނަ ދުވަހު ބަޔަކާ ހަވާލުކުރެވުނެވެ. އެހެން ނަމަވެސް ކޮންޓްރެކްޓަރު  ކައުންސިލަށް، އެންގުމަކާއި ނުލާ، އެއްވެސް މަގުބޫލު އުޒުރެއްނެތި ސައިޓުގައި މަސައްކަތް ނުކުރާތާ 28 ދުވަސްވުމާއި، އަދި މުއްދަތަށް މަސައްކަތް ނިންމާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި %15 އަށް ވުރެ އިތުރުވެފައިވާތީ، އެގްރިމެންޓުވަނީ މާލިއްޔަތު ގަވައިދުގައިވާގޮތުގެ މަތީން ބާތިލްކުރެވިފައެވެ. އަދި ނިމިފައިވަނީ %24 މަސައްކަތެވެ. މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ކައުންސިލުން އެހެން ފަރާތަކާއި ހަވާލުކޮށްގެން ނުނިމި ހުރިމަސައްކަތްނިންމާލެވޭނެއެވެ.

އަދި ހއ.ކެލާ މަސްމާރުކޭޓަކީ 2020 ވަނަ އަހަރު ކުރިޔަށްގެންދިޔުމަށް މަސައްކަތް ކުރެވުނު މަޝްރޫއުއެކެވެ. އެގޮތުންވަނީ އެމަޝްރޫއުގެ އަންދާސީ ހިސާބް ހޯދި އެގްރިމެންޓްގައި ސޮއިކުރުމުގެ މަރުހަލާގައެވެ.

މި އަހަރު މިއޮތޯރިޓީން އަލަށް 24 މަޝްރޫއުއެއްފެށުމަށް ވަނީ ބަޖެޓްގައި ހިމެނިފައެވެ. މިމަޝްރޫއުތައް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ކައުންސިލްތަކާއި ހަވާލުކޮށްގެންނެވެ. މަޝްރޫއު ތަކުގެތެރޭގައި ކައުންސިލް އިދާރާ އޮފީސް އިމާރާތްކުރުން، މަސްމާރުކޭޓް، ހިނަވާގެ، ގަބްރުސްތާނު ވަށާފާރު ފަދަ ތަންތަން ހިމެނެއެވެ. މިހާރު ކުރިޔަށްދާ  މަޝްރޫއުތަކުގެ ތެރޭގައި  ޅ. ނައިފަރު، ކ. ހުރާ ގއ. ކޮނޑޭ ލ. އިސްދޫ އަދި ދ.ކުޑަ ހުވަދޫ ކައުންސިލް އިދާރާ އޮފީސް އިމާރާތްކުރުމުގެ މަސައްކަތް ކުރިޔަށްދެއެވެ.