ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
މިއޮތޯރިޓީއާއި، އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރު.އައި) އާއި ޔޫ.އެސް އެއިޑް ގުޅިގެން 'ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސް' ގެ ނަމުގައި ކޮންފަރެންސްއެއް މިމަހުގެ 30 ން 31 އަށް އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެއެވެ.
މިކޮންފަރެންސްގެ މައިގަނޑު މަގްޞަދަކީ ސަރުކާރުގެ 5 އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގެ ސިޔާސަތުތަކާއި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހު ތަންފީޛުކުރުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް ކަމާގުޅޭ އެންމެހާ ފަރާތްތަކާ އެކީ މަޝްވަރާކޮށްގެން ލާމަރުކަޒީ ނިޒާމު ހިންގުމަށް ހުރި ދަތިތައް ހައްލުކުރުމަށް ދައުލަތުގެ އެކި މުއައްސަސާތަކުން ލާމަރުކަޒީ ނިޒާމާއި ގުޅުންހުރި ސިޔާސަތުތައް އެއްކީލިކޮށް، އެކުގައި މަސައްކަތްކުރާނެ ގޮތްތަކެއް ފަރުމާކުރުމެވެ. އަދި މިކަންކަންކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ދަތިތައް ހައްލުކޮށް، ދައުލަތުގެ އެކި މުއައްސަސާތަކާ ކައުންސިލްތަކާއެކު ބަދަހިކަމާ ފަސޭހަކަމާއެކު މަސައްކަތްކުރެވޭނެ ގޮތްތައް ހޯދުމެވެ. މީގެ އިތުރުން ސަރުކާރުގެ އެކްޝަން ޕްލޭންގައި ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކޮށް، ފުށޫނާރާނެ ގޮތަށް ސިޔާސަތުތައް ރާވާ ހިންގުމަށް އެހީތެރިވުމެވެ.
މިކޮންފަރެންސްގައި މިނިސްޓްރީތަކާއި، ކަމާގުޅޭ ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރު ހިއްސަވާ ކުންފުނިތަކާއި ކައުންސިލްތަކާއި އަދި ލާމަރުކަޒީ ނިޒާމާއި ގުޅޭގޮތުން މަސައްކަތްކުރައްވާ އަމިއްލަ ޖަމިއްޔާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. މި ކޮންފަރެންސްގައި ޝެސަންތައް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިއޮތޯރިޓީގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި، މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗައާއި، މިނިސްޓްރީ އޮފް ފިނޭންސާއި، މިނިސްޓްރީ އޮފް ޓޫރިޒަމާއި، ފާދިއްޕޮޅު އަތޮޅުކައުންސިލާއި އަދި ކުޅުދޫފުށި ކައުންސިލުންނެވެ.
އޮންލައިންކޮށް ބޭއްވޭ މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ނިންމުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައިވެއެވެ.
މިކޮންފަރެންސް ފެށުމާއި ނިންމުމުގެ ރަސްމިއްޔާތު މި އޮތޯރިޓީގެ ފޭސްބުކް އަދި ޓުވިޓަރ އިން ލައިވްކުރުމަށްވަނީ ހަމަޖެހިފައެވެ.