'ފަނޯއްލަ ދަރުބާރު'  ލާމަރުކަޒީ ސިޔާސަތު ވިލަރެސްކުރުމުގެ 3 ވަނަ މަހާސިންތާ ބާއްވާފައި


06 Jun 2022

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ތަންފީޛުކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރެވޭނެގޮތަށް ސަރުކާރުގެ ސިޔާސަތުތަކާއި ޕޮލިސީތައް ބައްޓަންކުރުމަށް މަސައްކަތްކުރަމުންދާއިރު، މިކަންތައްތައް ހާސިލުކުރުމަށް ކަމާގުޅޭ އެންމެހާ އިދާރާތައް ގުޅިގެން ޤައުމީ ފެންވަރުގައި މަސައްކަތްކުރުމަށް މިއޮތޯރިޓީއާއި އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރު.އައި) އަދި ޔޫ.އެސް އެއިޑް ގުޅިގެން 'ފަނޯއްލަ ދަރުބާރު' ގެ ނަމުގައި ބާއްވާ ސިލްސިލާ މަހާސިންތާގެ ތިންވަނަ މަހާސިންތާ މިހިނގާ މެއި މަހުގެ 27 ވީ ހުކުރު ދުވަހު އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ބާއްވައިފި. ރާއްޖޭގެ 3 ސަރަހައްދަކަށް އަމާޒުކޮށް ބޭއްވުމަށް ރޭވިފައިވާ މިމަހާސިންތާތަކުގެ ތެރެއިން މިފަހަރުގެ މަހާސިންތާ އަމާޒުކުރެވުނީ މާލެ ސިޓީއާއި ބ، ޅ، ކ، އއ، އދ، ވ އަދި ފ އަތޮޅުގެ ކައުންސިލްތަކުގެ ރައީސުން/މޭޔަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނަށް. ނަމަވެސް މޭޔަރުންނާއި ރައީސުންނަށް މަހާސިންތާގައި ބައިވެރިވެވެން ނެތް ނަމަ އެހެން މެމްބަރަކު ބަދަލުގައި ބައިވެރިވެ ކައުންސިލް/ކޮމިޓީ ތަމްސީލްކުރުމަށް ފުރުސަތު ހުޅުވާލެވުނު. އެގޮތުން އަންހެން 59 އަދި ފިރިހެން 65 ބައިވެރިން ހިމެނޭގޮތަށް ޖުމްލަ 124 މީހުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ފަރާތުން މިމަހާސިންތާގައި ބައިވެރިވެފައިވޭ.

ފަނޯއްލަ ދަރުބާރުގެ 3 ވަނަ މަހާސިންތާގައި ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމާއި، ރަށު ތަރައްޤީގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދިމާވާ ގޮންޖެހުންތައް އަދި ބިނާވެށި ޕްލޭން އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު. އެގޮތުން މިދާއިރާތަކުން ކައުންސިލްތައް/އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އާއްމު ގޮތެއްގައި ދިމާވާ ގޮންޖެހުންތައް ހިއްސާކުރުމަށް ޕްރެޒެންޓޭޝަނެއް ކޮމިޓީ މެމްބަރަކާއި ކައުންސިލަރުން ހުށަހަޅާފައިވޭ. ސެޝަންތަކުގެ ޕެނަލިސްޓުންގެ ގޮތުގައި ލާމަރުކަޒީ ކޮމީޓީގެ މުގައްރިރު އަލީ ނިޔާޒު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީ.އީ.އޯ ފާތިމަތު އަފްޝަން ލަތީފް އަދި ޑިވިޝަންތަކުގެ ވެރިން، މިނިސްޓްރީ އޮފް ފިނޭންސްގެ ބަޖެޓް އެގްޒެކްޓިވް އާދަމް ބަދުރުﷲ، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ ޑިރެކްޓަރ ޒުހުރުﷲ ސިޔާދު، މޯލްޑިވްސް ލޭންޑް އެންޑް އެންޑް ސާރވޭ އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޝާފީ، ޔޫ.އެން.ޑީ.ޕީގެ ހެޑް އޮފް ގަވަރނަންސް ޔާސްމީން ރަޝީދު އަދި އައި.އާރު.އައިގެ ސީނިއަރ ޕްރޮގްރާމް މެނޭޖަރ އައިމަން ރަޝީދު ބައިވެރިވެވަޑައިގެން ބައިވެރިންގެ ހިޔާލުތަކަށް ކަމާ ގުޅޭ ފަންނީ ލަފާ ދިނުމާއި ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ އިތުރުން ދާއިރާއާ ގުޅުންހުރި މުހިއްމު މައުލޫމާތު ހިއްސާކޮށްދެއްވާފައިވޭ. ބައިވެރިންގެ މަޝްވަރާތަކަށްފަހު 3 ދާއިރާއިން މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާއި މިގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބައިވެރިން މަޝްވަރާކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުމަށްޓަކައި ބައިވެރިން އެއްބަސްވާ ހައްލުތައް ވެސް ނިންމުނު.

މިމަހާސިންތާގައި ފާހަގަކުރެވުނު 3 ދާއިރާއިން ބައިވެރިން މަޝްވަރާކޮށް އެއްބަސްވެވުނު ކަންތައްތައް މެއި 28 އަދި 29 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކޮށް އުކުޅަހުގައި ބޭއްވުނު، "ވިއަވަތި ރާއްޖެ" މަހާސިންތާގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވޭ. މިހުށަހެޅުންތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާދެއްވީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެމްބަރު. އަދި މިހުށަހެޅުންތަކުގެ ތެރެއިން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ވިއަވަތި ރާއްޖެ މަހާސިންތާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ބައެއް ހުށަހެޅުންތައް ޤަބޫލުފުޅުކުރައްވާ އެކަންތައްތައް ތަންފީޒު ކޮށްދެއްވާނެކަމުގެ ޔަގީންކަން ބައިވެރިންނަށް ދެއްވާފަ. މިމަހާސިންތާ އިންތިޒާމުކޮށް ކާމިޔާބުކަމާއެކު ނިންމާލުމުގައި އައި.އާރު.އައި. ޔޫ.އެސް. އެއިޑް އަދި އުކުޅަހު ކައުންސިލުގެ އިތުރުން އުކުޅަހުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި މިކަމުގައި ޝާމިލުވި އުކުޅަހު ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވާކަން ފާހަގަކޮށްލެވޭ.